އާމިނަތު ފާއިޒާ

ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ

ތައާރުފް

ގ.ޑޭޒީމާގެ

އާމިނަތް ފާއިޒާ

ގ.ޑޭޒީމާގެ

އާމިނަތް ފާއިޒާ

ގ.ޑޭޒީމާގޭ އާމިނަތު ފާއިޒާ، “އަޅުގަނޑުގެ މަންމަ” ކުރައްވާފައިވާ ހުރިހާ މަސައްކަތްތަކެއް ވެބްސައިޓެއް މެދުވެރިކޮށް ދިވެހިރައްޔިތުންނާ ޙިއްސާކުރުމުގެ ވިސްނުން އައީ މީގެ އެތަކެއް އަހަރުކުރިން އަޅުގަނޑުގެ މަންމަ އަޅުގަނޑާކުރެއްވި ސުވާލަކާގުޅިގެންނެވެ. “މަންމަ މަރުވުމުން މަންމަގެ ފޮތްތަކަށް ހައްދަވާނީ ކިހިނެއްތޯ؟” އާދެ! އެދުވަހު އަޅުގަނޑު ދެންނެވީ “މަންމަ ކުރައްވާފައިވާ މަސައްކަތްޕުޅަކީ ދިވެހިންނަށްޓަކައި ކޮއްދެއްވާފައިވާ ޚިދުމަތްތަކަކަށްވާތީ، އެމަސައްކަތް އާންމުކޮށް އެންމެންނަށް ލިބޭނެގޮތަކަށް ހެދުމަކީ އެންމެ ރަނގަޅުގޮތްކަމަށް ފެންނަކަމަށެވެ.” މަންމަ މިކަމާ ހިތްޕުޅު ހަމަޖެހުނެވެ. އަދި އެދުވަހުންފެށިގެން މިމަސައްކަތް ކުރުމުގެ މަގު ތަނަވަސްވޭތޯ އަޅުގަނޑު މަސައްކަތް ފެށީމެވެ.

2010 އޯގަސްޓު މަހުގެ ތެރޭގައި މަންމަގެ ނަންފުޅުގައި ޑޮމޭންއެއް ގަތީމެވެ. އަދި އެހިސާބުން މަންމަގެ ފޮތްކޮޅުތަށް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް ފެށީމެވެ. މުޅިމަސައްކަތް ފެބްރުއަރީ 2011 އަށް ނިންމަން ވިސްނައިގެން މަސައްކަތް ކުރިނަމަވެސް މިކަން މިވީ މަންމަ އަވަހާރަވުމަށް ފަހުގައެވެ. އަޅުގަނޑު ހިތާމަކުރާ ކަމަކަށްއޮތީ މަންމަގެ ފާޑުވިދާޅުވުމެއް މިސައިޓަށް ލިބިފައިނުވާތީއެވެ. މިއީ މިސައިޓަށް ލިބުނު އެންމެ ބޮޑު އުނިކަންކަމުގައި އަޅުގަނޑު ދެކެމެވެ.

މިސައިޓުގެ ޒަރިއްޔާއިން ދިވެހި ދަރިންނަށް މުޙިންމު އިރުޝާދުތަކަކާއި ތަރުބިއްޔަތުތަކެއް ލިބޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. މިމަސައްކަތަކީ ތާރީޚީގޮތުންނާއި އަދަބީގޮތުން މުއްސަނދި އަދި އެހާމެ އަގުހުރި ޚިދުމަތްތަކެއްކަމަށްވާތީ މިމަސައްކަތްޕުޅުތަށް އިޙްތިރާމާއެކު ބޭނުންކުރެއްވުން އެދެމެވެ.

މުޙަންމަދު ޙިލްމީ