ވަނަވަރު

ގ.ޑޭޒީމާގޭ އާމިނަތު ފާއިޒާ (29/09/1924 – 25/02/2011) ޤައުމީ ޚިދުމަތް ފައްޓަވާފައިވަނި 1940 ގެތެރޭގައި މަދްރަސަތުއް ސަނިއްޔާގައި މުދައްރިސާކަން، ނާޒިރާގެ މުޢާވިނާކަން އަދި ނާޒިރާގެ ނައިބާކަން ކުރައްވާފައިވެއެވެ. އުމުރުފުޅުން 16 ވަރަކަށް އަހަރުންފެށިގެން ޅެންހައްދަވަމުން ގެންދެވިކަމުގައިވިޔަސް، ޅެންވެރިކަމުގެ ދުނިޔޭގައި ފާހަގަވެގެންދިޔައީ ޅެންވެރިކަމުގެ ގުލްޒާރު އުފެދިގެން ދިޔަ ދުވަސްވަރުގައެވެ. އާމިނަތު ފާއިޒާއަކީ ދިވެހި ޅެންވަރިކަމުގެ ބަގީޗާގެ “ޑޭޒީމާ” މިނަމެވެ.

1980-2008 ވަނައަހަރާއި ހަމައަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިޔާކަމާއި އެސިސްޓަންޓް ޑިރެކްޓަރުކަމުގެ މަޤާމް އަދާކުރެއްވި އާމިނަތު ފާއިޒާއަށް 1980 ވަނަ އަހަރު ޅެންވެރިކަމުގެ ހިތްވަރުދިނުމުގެ އިނާމު، 1996 ވަނަ އަހަރު ޅެންވެރިކަމުގެ ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.

ތަފާތު އެތައް ޤައުމީ ކަންކަމެއްގައި ބައިވެރިވެވަޑައިގަތް އާމިނަތު ފާއިޒާއަކީ ހެދުން ފާސްކުރި ކޮމިޓީގެވެސް މެންބަރެކެވެ. އެކޮމެޓީއަކީ ނަންބަރު ހެދުން ނުވަތަ ފާސްކުރި ހެދުން ފާސްކުރި ކޮމިޓީއެވެ.

އާމިނަތު ފާއިޒާގެ ޤައުމީ ޚިދުމަތުގެ ތާރީޚުގައި އެތައްފަންނަކުން މަސައްކަތްކުރައްވާފައިވެއެވެ. އެގޮތުން ދިވެހިބަސް ކުދިންނަށް ދަސްކޮއްދެއްވުން، ވާހަކަ، ޅެން، ލަވަ، ރައިވަރު، ބަނދި، ހެއްދެވުން، ކަސަބު ބޯވަޅު ގެތުމާއި އެޅުން، ރޮދިގަނޑު ގެތުން، އަންހެން، ފިރިހެން ރުމާ އޮޅުން، މާޖެހުން، ކޯޓް ފަޓުލޫނު ގަމީސް، ފާސްކުރިހެދުން ފެހުން، ތަފާތު ވައްތަރުގެ  ދަބަސް ހެއްދެވުން ހިމެނެއެވެ.

ފާއިޒާގެ ކުޅިވަރުގެ ޙަޔާތްޕުޅަކީވެސް ވަރަށް ކުލަގަދަކޮއް ފާހަގަކުރަންޖެހޭ ކަމެކެވެ. ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ޕިންގ ޕޮންގ ނުވަތަ ޓީޓީ، ޓެނިސް، ބެޑްމިންގޓަން، ރާޒުވާގެ މުބާރާތްތަކުގައި ކުޅުއްވައި ކާމިޔާބުތަކެއް ހޯއްދަވާފައިވެއެވެ. 1980ގެ ތެރޭގައި ރާއްޖޭގެ ކްލަބްތަކުގެތެރޭން ބެޑްމިންޓަންއަށް އެންމެ ފާހަގަ ކޮއްލެވޭ ލަޔަންސް ސްޕޯޓްސް ކްލަބްގެ އަންހެންޓީމުގެ ކެޕްޓަންކަން ކުރައްވައި މުބާރާތުގައި ކުޅުއްވައިފައިވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކިޔަވާކުދިންގެ ކެއުންބިޔުން ހަމަޖައްސަވާފައިވަނީ މާލޭގެ އެކި ގޭގެއަށް ބައްސަވާލައިގެންނެވެ. އެގޮތުން ގ. ޑޭޒީމާގެއަކީވެސް މިކަމަށް ހަމަޖެއްސެވި އެއް ގެއެވެ. މީގެއިތުރުން ޑޭޒީމާގޭގައި ރާއްޖެތެރޭގެ އެތަކެއް ކުދިން ކިޔަވަން ބައިތިއްބަވާ އެކުދިން ތަރުބިއްޔަތު ކޮއްދެއްވާފައިވެއެވެ.

އާމިނަތު ފާއިޒާ 04 ކާވަންޏެއްވަނީ ކުރައްވާފައެވެ. އެއީ އަންނަބީލް ޖައުފަރު ކަމާލުއްދީން މއ. މައްޗަންގޯޅިއާގެ. ސައްޔިދު އައްބާސް މއ. ބޮޑުގަލުމާފަތްގެ. އަލްފާޟިލް އަންވަރު ޙިލްމީ ދީދީ ހ. މާރަންދޫގެ. އަލްފާޟިލް އަލީ މާހިރު މ. ގްލޯރީގެ އެވެ. މިކައިވަނިތަކުން ލިބިވަޑައިގަތީ 03 ބޭފުޅުންނެވެ. އެއީ ސައްޔިދު އައްބާސްއަށް ލިބިވަޑައިގަތް އަޙްމަދު އައްބާސް ގ. ބެމްބޫ އާއި އާމިނަތު އައްބާސް ގ. އައްބާސާއާއި  އަލްފާޟިލް އަންވަރު ޙިލްމީ ދީދީއަށް ލިބިވަޑައިގަތް މުޙަންމަދު ޙީލްމީ ގ. ޑޭޒީފެހި އެވެ.

 

އަދި ކޮމެންޓެއްނެތް »

ކޮމެންޓު